ފެނަކައިގެ ތެރޭގައި ބިޔަ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތި ވެއްޖެ



ސަރުކާރު ކުންފުންޏެއް ކަމަށްވާ ފެނަކަ ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ވަހީދުގެ ހިއްސާ އޮންނަ ކުންފުންޏަކަށް 6 މިލިއަން ރުފިޔާގެ ތަކެތި ގަންނަން އެ ކުންފުނިން ޕާޗޭޒް އޯޑަރު (ޕީއޯ) ވަނީ ނެރެދީފައެވެ.
“މެންދުރު އޮންލައިން” އަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުން ފެނަކައިން ޕީއޯތައް ދޫކޮށްފައިވަނީ ވެނޭޑިއަމް އިންވެސްޓްމެންޓް ޕްރައިވްޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ. އެ ކުންފުންޏަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު އުފެއްދި ކުންފުންޏެކެވެ. އަދި ކުންފުނި އުފެއްދިތާ ދެމަސް ދުވަސްވެސް ނުވަނީސް ބޯޑަށް ބަދަލުތަކެއް ގެނައުމަށްފަހު ފެނަކައިގެ ސީއެފްއޯ އަބްދުﷲ ވަހީދު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ގެނެސްފައިވާ ކަން ފާހަގަ ކުރެވެއެވެ.
ޕީއޯތައް ފެނަކައިން އެ މުއްދަތުގެ ތެރޭގައި ނެރެފައިވާއިރު، އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލުން އަދިވެސް ދައްކަނީ ވެނޭޑިއަމްގެ ކުރީގެ ބޯޑު ޑިރެކްޓަރުންނާއި ހިއްސާދާރުންގެ މައުލޫމާތެވެ. މިހާރުގެ ބޯޑު މެންބަރުންގެ މައުލޫމާތު އަދި ވެސް ހާމަކޮށްފައެއް ނުވެއެވެ.
ފެނަކައިން ދޫކުރި ދެ ޕީއޯ އެއް ދޫކޮށްފައިވާއިރު، އެއް ޕީއޯއަކީ ށ.ކޮމަންޑޫ އިންޖީނުގޭ ބަދަލު ކުރުމަށް ބޭނުންވާ ކޭބަލް ސީއެފްއޯ އަބްދުﷲގެ ކުންފުނިން ގަތުމަށް ދޫކޮށްފައިވާ ދެ މިލިއަން ރުފިޔާގެ ޕީއޯއެކެވެ. ދެވަނަ ޕީއޯއަކީވެސް އިންޖީނުގެއެއް ބަދަލު ކުރުމަށް އަބްދުﷲގެ ކުންފުނިން ކޭބަލް ގަންނަން ދޫކުރި 4 މިލިއަން ރުފިޔާގެ ޕީއޯއެކެވެ.
މެންދުރު އޮންލައިން އަށް ލިބިފައިވާ އެ ލިޔެކިތުން ތަކުން ދައްކާ ގޮތުން އެ ދެ ޕީއޯ އެޕްރޫވް ކޮށްދިނީ ފެނަކައިގެ ޕްރޮކިއުމެންޓް ހެޑް އައިމިނަތު ޝައުނާއެވެ. ޝައުނާއަކީ ސީއެފްއޯ އަބްދުﷲގެ އާއިލީ ބޭފުޅެކެވެ.
އުފެއްދިތާ 3 މަސްނުވާ ކުންފުންޏެއްގެ ބޯޑު ބަދަލު ކޮށްގެން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ފެނަކައިގެ ސީއެފްއޯގެ ކުންފުންޏަށް 6 މިލިއަން ރުފިޔާގެ ޕީއޯ ދޫކޮށްފައިވާ އިރު، އެކުންފުނިންގެ ޕޭމަންޓްތައް ދޫކުރުމުގައިވެސް ކޮރަޕްޝަން ތަކެއް ހިންގާ ކަމުގެ މައުލޫމާތު މިނޫހަށް ވަނީ ލިބިފައެވެ. އެގޮތުން ޗީފް ފައިނޭންޝަލް އޮފިސަރު(ސީއެފްއޯ) އަބްދުﷲ ވަހީދުގެ ނުފޫޒުން ފެނަކައިން ކުންފުނިތަކާއި ހަވާލުކުރާ މަސައްކަތްތަކަށް ދޫކުރަން ޖެހޭ ފައިސާ ދޫނުކޮށް ހިފަހައްޓައި އޭނާގެ މީހުން ލައްވައި އެ ޕޭމަންޓްތައް އަވަސް ކުރުމަށް 10 ފަސެންޓް އޭނާ އަށް ދިނުމަށް ޑިމާންޑް ކުރާ ކަން ވެސް ވަނީ އެނގިފައެވެ.
ޗީފް ފައިނޭންޝަލް އޮފިސަރު(ސީއެފްއޯ) އަބްދުﷲ ވަހީދުގެ ނުފޫޒުން ނުދީ ހިފަހައްޓާފައިވާ ޕޭމަންޓްތަކުގެ މައްސަލައިގައި އެކުންފުނި ތަކުން ފެނަކަ ކުރިމައްޗަށް މުޒާހަރާ ކުރަން ދިއުމަށް ތައްޔާރު ވަމުންދާ ކަން ވެސް މިނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިފަދަ ކަން ކަން ބަލަން އޮންނަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވެސް އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ. އޭސީސީ ހުސްކަމެއްގެ ތެރެއަށް ވައްޓާލާފައިވަނީ މި ސަރުކާރުން ގާނޫނުގެ ބޭރުން ކުރާ ކަން ކަން ބެލުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން ކަމަށް ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އިދިކޮޅު ބައެއް މެންބަރުން ވަނީ ތުހުމަތު ކުރައްވައިފައެވެ.
Content retrieved from: https://mendhuru.mv/11255/.
