ޒިކުރާ މިސްކިތަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އަބްދުﷲ ޔާމީންގެ ބައްޕާފުޅު އަބްދުލްގައްޔޫމް ސީދީގެ ހަނދާނުގައި 1980ގެ އަހަރުތަކުގެ ކުރީކޮޅު އިމާރާތްކުރި މިސްކިތެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޒިކުރާ މިސްކިތް އަލުން އިމާރާތް ކޮށް އެތަނުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާއި ހަވާލު ކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުއެވެ.

އެ މިސްކިތް އިމާރާތް ކުރުމުގެ މަޝްރޫއު އަށް 130 މިލިއަން ރުފިޔާ އަރާނެ ކަމަށް އޭރުގެ ސަރުކާރުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދީފައެވެ.

މިހާރުގެ ސަރުކާރު ވުޖޫދަށް އައުމަށް ފަހު މަސައްކަތް ކުރިޔަށް ގެންގޮސްފައި ނުވާތީ އެއްބަސްވުން ބާތިލް ކުރަން އިސްލާމިކް މިނިސްޓްރީން 30 ދުވަހުގެ ނޯޓިސްއެއް އެ ކުންފުންޏަށް ދިނެވެ. ނޯޓިސް މުއްދަތު ހަމަވެ 23 މެއި 2019 ވަނަ ދުވަހުގެ ކުރިން އެތަން ހުސް ކުރުމަށް އެކުންފުންޏަށް އެންގިއެވެ. އެގޮތުން މިސަރުކާރުން އެއްބަސްވުން ބާތިލްކުރުމުން ބަދަލުގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދަން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން ސިވިލް ކޯޓަށް މައްސަލައެއްވެސް ހުށައެޅިއެވެ. އެސްޖޭ ކުންފުނިން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގާދިނުމަށް އެދިފައިވާ 141 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ފައިސާގެ ގޮތުގައި އޭރުގެ ސަރުކާރުން ދީފައިވާ 30 މިލިއަން ރުފިޔާ ކެނޑުމަށްފަހު، 111 މިލިއަން ރުފިޔާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގާދިނުމަށް އެދޭ ކަމަށެވެ.

މި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ގާޒީ ފައްޔާޒު ޝާތިރު ކުރެއްވި ހުކުމުގައި ބުނެފައިވަނީ، އެއްބަސްވުން އުވާލުމަށް އިސްލާމިކް މިނިސްޓްރީން ނޯޓިސް ފޮނުވައި އެއްބަސްވުން އުވާލާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވައިދުގެ 10:55 އާ އެއްގޮތަށް ކަމަށް ބެލެވެން ނެތް ނަމަވެސް، އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން މި މައްސަލައިގައި ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލު ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. އަދި މި މައްސަލައިގައި ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލަކީ އެއްބަސްވުމުގެ 17.4 ވަނަ މާއްދާގެ ދަށުން އެސްޖޭ ކޮންސްޓްރަކްޝަނަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި ހޯދުމަށް އެދިފައިވާ ބަދަލަކަށް ނުވާތީ އެސްޖޭ ކޮންސްޓްރަކްޝަނުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ އަދަދު ނަގައިދެވެން ނެތް ކަމަށް ކަނޑައަޅައި، ހުކުމް ކުރާ ކަމަށެވެ.

މީގެއިތުރުން ޒިކުރާ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުން އިސްލާމިކް މިނިސްޓްރީން އުވާލުމާއި ގުޅިގެން އެސްޖޭ ކޮންސްޓްރަކްޝަނުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގާދިނުމަށް އެދުނު 111 މިލިއަން ރުފިޔާ އެކުންފުންޏަށް ދޭން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. އަދި ދައުލަތުންވެސް މީގެ ކުރިން ވަނީ އެސްޖޭ ކުންފުންޏަށް ދީފައިވާ 30 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އެދި މައްސަލަ ހުށައަޅާފައެވެ. އެ މައްސަލައާ ގުޅިގެން ދައުވާ އުފުލާފައިވަނީ 2021 ވަނަ އަހަރުއެވެ.

އެހެންނަމަވެސް، ދައުލަތުން ހުށައެޅި މައްސަލައިގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާގައި، 30 މިލިޔަން ރުފިޔާގެ ބަދަލުގައި ދެފަރާތަށް އެއްބަސްވެވޭ ގޮތެއްގެ މަތިން މިސްކިތެއް އަޅައިދިނުމަށް އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ހުށައެޅީއެވެ. އެ ހުށަހެޅުމާ ގުޅިގެން މިނިސްޓްރީއާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި ދެފަރާތަށް އެއްބަސްވުމަކަށް އާދެވިފައިވާތީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފައާއެކު، އެ މައްސަލަ ކޯޓުން ބޭރުގައި ޙައްލުކުރުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.

އެ މައްސަލަ ކޯޓުން ބޭރުގައި ޙައްލު ކުރުމަށް ނިންމުމާއެކު، 23 ޖަނަވަރީ 2022 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ދެފަރާތަށް އެއްބަސްވެވުނު ކަންތައްތަކުގެ މައްޗަށް އެކުލެވޭ ސެޓްލްމަންޓް އެއްބަސްވުމުގައި މިނިސްޓަރ، ޑރ. އަޙްމަދު ޒާހިރު ޢަލީ އަދި ކުންފުނީގެ ޑިރެކްޓަރ، ޝިހާދު އިބްރާހީމް ވަނީ ސޮއި ކުރައްވާފައެވެ.

އަދި މިއެއްބަސްވުމުގައި ސޮއިކުރެވުމާއެކު، މިނިސްޓްރީއާއި ކުންފުނިން އެއްފަރާތުން އަނެއްފަރާތުގެ މައްޗަށް އުފުލާފައިވާ އެންމެހާ ދަޢުވާތައް ކޯޓުން ނެގުމަށްވެސް ދެފަރާތުން އެއްބަސްވެފައިވެއެވެ.

އެކަމާއި ގުޅިގެން ގިނަ ބަޔަކު އުފެއްދި އެއް ސުވާލަކީ، 30 މިލިއަން ރުފިޔާ ހޯދުމަށް ކޮށްފައިވާ ދައުވާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް އިމާރަތް ކުރުމަކީ ދައުލަތަށް އެންމެ ފައިދާހުރި ގޮތްތޯއެވެ؟ އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު އަލީ ދެކިވަޑައިގަންނަވަނީ އެހެންނެވެ.

ރާއްޖެއެމްވީ އާއި ވާހަކަފުޅުދައްކަވަމުން ޑރ ޒާހިރު ވިދާޅުވި ގޮތުގައި މި މައްސަލަ ކޯޓު މަރުޙަލާއިން ނިމިގެންދާނަމަ އެކަމަށް ޒަމާންތަކެއް ނެގުންވެސް އެކަށީގެންވެއެވެ. އެގޮތުން ދަށު ކޯޓުން ފަށައިގެން މަތީ ކޯޓުތަކުގައި މި މައްސަލައިގެ އެކި މަރުޙަލާތައް ކުރިއަށް ގޮސްފިނަމަ، އެކަމަށް އެތައް އަހަރެއް ހޭދަވެގެންގޮސް، ދައުރު ނިމޭއިރުވެސް އެކަން ވަކި ކޮޅެއްގައި ނުޖެހި ގޮސްދާނެއެވެ. އޭގެ ބަދަލުގައި ދައުލަތަށްވެސް އަދި ރައްޔިތުންނަށް ފައިދާ ބޮޑު ގޮތަކީ، މި މައްސަލަ ކޯޓުން ބޭރުގައި މިހާރު ޙައްލު ކޮށްފައިވާ ގޮތަށް އެ ފައިސާގެ ބަދަލުގައި މިސްކިތެއް އަޅައިދިނުންކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު މިނިސްޓްރީން އެސްޖޭ ކުންފުންޏާއި ޙަވާލު ކޮށްފައިވާ މިސްކިތުގެ އަގަކީ 35,087,951.86 (ތިރީސް ފަސްމިލިއަން އަށްޑިހަ ހަތްހާސް ނުވަސަތޭކަ ފަންސާސް އެއްރުފިޔާ އަށްޑިހަ ހަ ލާރި) އެވެ. މިނިސްޓަރ ވިދާޅުވާ ގޮތުގައި މިސްކިތް އިމާރާތްކުރުމަށް 30 މިލިޔަން ރުފިޔާއަށްވުރެ އިތުރަށް ހިނގާ ޚަރަދު، އެސް.ޖޭ ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ ފަރާތުން ޚަރަދު ކުރާގޮތަށް އެ ކުންފުނިން ވަނީ އެއްބަސްވެސް ވެފައެވެ.

ޖުމްލަ 427 ދުވަހުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފޭސް ގައި އިމާރަތްކުރާ މި މިސްކިތުގެ މަސައްކަތް ނިންމަންޖެހެއެވެ. މި މިސްކިތުގެ ޖާގައަށް ބަލާއިރު، މެއިން ހޯލް އަދި އައުޓް ޑޯރ އާއެކު 3000 މީހުންނަށް ނަމާދުކުރެވޭ އިންތިޒާމު ހަމަޖެހިފައިވެއެވެ. އަދި މިސްކިތުގައި އަންހެނުން ނަމާދުކުރެވޭ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ.

Content retrieved from: https://raajje.mv/112784.

Related Post

Leave a Reply

Your email address will not be published. Required fields are marked *