ކީރިތި ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމަގެ އަގު މާތްވި ބަސްފުޅުތަކުގައި މުސްލިމުން ސިފަ ކުރައްވައިފައި ވަނީ އެއް ހަށިގަނޑެއްގެ މިސާލުގެ ގޮތުގައެވެ. އެބަހީ ހަށިގަނޑުގެ ގުނަވަނެއްގައި ވޭން އަޅާ ނަމަ އެ ވޭން މުޅި ހަށިގަނޑު ތަހައްމަލު ކުރާ ބީދައިން މުސްލިމު އަޚަކަށް ނުވަތަ އުޚުތަކަށް ލިބޭ ގެއްލުމަކީ ނުވަތަ ކެކުޅުމާއި ވޭނަކީ އެހެން މުސްލިމުން ވެސް އެކަމުގައި ބައިވެރިވާ ، ބައިވެެރިވާން ޖެހޭނެ ކަމެކެވެ.

އަހަރެމެން އެ ދީނަކަށް ތަބާވެ ތިބި އިސްލާމް ދީނަކީ ދޭދޭ އަފުރާދުންގެ މެދުގައި މިފަދަ މަތިވެރިކަމެއް ލައްވައިފައިވާ ފުރިހަމަ ނިޒާމެކެވެ. އެކެއްގެ އުފަލާއި ހިތާމައިގައި އަނެކުން ބައިވެރިވުން ލައްވައިފައި ވަނީ އެ މީހުންގެ މައްޗަށްވާ ހައްގުގެ ގޮތުގައެވެ. ކިިހައި ބޮޑު ފުރިހަމަ ކަމެއްތޯއެވެ.

އަބޫޙުރައިރާ رَضِيَ اللَّهُ عَنْهُ ވިދާޅުވިއެވެ. ރަސޫލާصَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާތީ އަޑުއެއްސެވީމެވެ. “އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އަދާކުރަން ޖެހޭ ފަސް ޙައްޤެއް ވެއެވެ. އެއީ ސަލާމް ގޮވާހިނދު އޭގެ ޖަވާބު ދިނުމާއި، ބަލި މީހާއަށް ޒިޔާރަތް ކުރުމާއި، މަރުވުމުން ޖަނާޒާގައި ބައިވެރިވުމާއި، (ކެއުމަށް) ދަޢުވަތެއް ދެވޭހިނދު އެދަޢުވަތު ޤަބޫލުކުރުމާއި، ކިނބިހި އަޅާހިނދު الحمد للَّه ކިޔައިފިމީހާއަށް ޖަވާބުގައި يَرْحَمُكَ اللَّهُ މިފަދައިން ބުނުމެވެ.” رواه البخاري

ބަލި މީހާއަށް ގޮވައިލާން ދިޔުމާއި ޖަނާޒާގައި ބައިވެރިވުމުގެ އިތުރުން ދެން ވެސް މި ހަދީޘްގައި ބަޔާން ކޮށްފައިވާ އެންމެހައި ކަންކަމަކީ އަފުރާދުންގެ ގުޅުން ބަދަހިވެ ޖުމްލަކޮށް މުޖުތަމައުގެ ގުޅުން އާވެ އާލާވާނެ ކަންކަމެވެ. ފަސާދައިގެ ވިހައަށް ކުރި ނުލިބި ލޯތްބަށް ޖާގަ ދޭނެ ކަންކަމެވެ.

މި ފުރިހަމަކަން އަދި މި ހިސާބުން ނިމުނީއެއް ނޫނެވެ. އިޖުތިމާއީ ރޫޙްގެ މި ފުރިހަމަ ގާނޫނަށް ޢަމަލުކުރާ ފަރާތްތަކަށް ރައްކާތެރިކަން ދެއްވައި މަތިވެރި ސަވާބާއި ދަރުމަ ދެއްވުން ވެސް އިލާހީ ގާނޫނުގައި ވަނީ އެކަށައަޅުއްވައިފައެވެ. الله ތަޢާލާގެ ދީލަތިކަމުގެ އިމެއް ، މިނެއް އެބައޮތްތޯއެވެ. ސުބުހާނަالله!

ޢަލީ رضي الله عنه ވިދާޅުވިއެވެ. ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާތީ އަޑުއެއްސެވީމެވެ. “ދުވާލުގެ ކުރީކޮޅު (އެބަހީ: ހެނދުނުވަގުތުގައި) މުސްލިމަކު، އޭނާގެ ބަލި އަޚާއަށް ޒިޔާރަތްކޮށްފި ނަމަ، ހަތްދިހަ ހާސް މަލާއިކަތުން ހަވީރު ވަންދެން އޭނާގެ މައްޗަށް ދުޢާކުރާ ކަމުގައި މެނުވީ ނުވެއެވެ. އަދި ދުވާލުގެ ފަހުކޮޅު (ހަވީރު ވަގުތުގައި) އޭނާ، ޒިޔާރަތްކޮށްފި ނަމަ، ހަތްދިހަ ހާސް މަލާއިކަތުން ފަތިސްވަންދެން އޭނާގެ މައްޗަށް ދުޢާކުރާ ކަމުގައި މެނުވީ ނުވެއެވެ. އަދި އޭނާއަށް ދޮންވެ ފައްކާ ކުރެވިފައިވާ މޭވާތައް ސުވަރުގޭގައި ވެއެވެ.” صححه الألباني

ހިނދުކޮޅެއްގެ ޢަމަލެކެވެ. ބުރައެއް ތަކްލީފެއް އުފުލަން ނުޖެހޭ އަޅުކަމެކެވެ. އެހެނަސް އެ ދެއްވަނީ ކޮންފަދަ ބަދަލެއްތޯއެވެ.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *