ރާއްޖޭގައި ގާއިމުކުރާ އެންމެ ފުރަތަމަ އެއަރޓްރެފިކް ޓަވަރ ސިމިއުލޭޓަރ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ން ހުޅުވައިފިއެވެ.

އަންގާރަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެއަރޕޯޓްގެ އެއަރޓްރެފިކް ކޮންޓްރޯލް އިމާރާތުގައި މި ސިމިއުލޭޓަރ ހުޅުއްވައިދެއްވީ އެމްއޭސީއެލް ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޑެޕިއުޓީ ޗީފް އޮފިސަރ އިބްރާހީމް ތޯހާއެވެ. މިއީ 4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ގާއިމުކޮށްފައިވާ ސިމިއުލޭޓަރެކެވެ.

މި ސިމިއުލޭޓަރުން ރާއްޖޭގެ ހުރިހާ އެއަރޕޯޓެއްވެސް ސިމިއުލޭޓްކުރުމުގެ ގާބިލުކަން ވަނީ ލިބިފައެވެ. އެއަރޓްރެފިކް ކޮންޓްރޯލް ޓަވަރަ ސިމިއުލޭޓަރ ގާއިމުކުރުމާއެކު، ވީ.އައި.އޭ އަދި ރާއްޖޭގެ އެކިސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ އެއަރޓްރެފިކް ކޮންޓްރޯލްގައި މަސައްކަތްކުރާ މުވައްޒަފުން ތަމްރީންކުރުމަށް އެމްއޭސީއެލުން ކުރާ މަސައްކަތަށް އިތުރު ކުރިއެރުން ލިބިގެންދާނެއެވެ.

މި ސިމިއުލޭޓަރާ ބެހޭގޮތުން ތޯހާ ވިދާޅުވީ، ޒަމާނީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ގާއިމުކޮށްފައިވާ މި ސިމިއުލޭޓަރުން، ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ގަވާއިދުތަކާ އެއްގޮތައް ގިނަ ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވޭނެ ކަމަށެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތަރައްގީކޮށްފައިވާ އައު ރަންވޭގެ އޮޕަރޭޝަނަށް އެއަރޓްރެފިކް ކޮންޓްރޯލް މުވައްޒަފުން އަހުލުވެރިކުރުމަށް ކުރިއަށްގެންދާ ތަމްރީންތައްވެސް ވެސް މިސިމިއުލޭޓަރުން ކުރިއަށް ގެންދެވޭނެ ކަމަށާއި، ސިމިއުލޭޓަރ ގާއިމުކުރުމާއެކު އެއަރ ޓްރެފިކް ކޮންޓްރޯލް އޮފިސަރުން ތަމްރީންކުރުމަށް އެމްއޭސީއެލުން ކުރަމުންދާ ހޭދަ އެތައް ގުނައެއް ކުޑަވެގެންދާނެ ކަމަށް ތޯހާ ވިދާޅުވިއެވެ.

ރާއްޖޭގެ ފުރަތަމަ އެއަރޓްރެފިކް ޓަވަރ ސިމިއުލޭޓަރ

މިހާރު ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ޓަވަރ ކޮންޓްރޯލް ޓްރެއިނިންގ އަދި އެއަރޕޯޓްގެ އައު ރަންވޭއަށް އަހުލުވެރިވުމުގެ ތަމްރީން ޕްރޮގްރާމްތައް ރާއްޖެއިން ބޭރުންކުރިއަށް ގެންދާނަމަ 9.6 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. ނަމަވެސް މި ސިމިއުލޭޓަރ ސިސްޓަމް ގާއިމުކުރުމާއެކު، މިޚަރަދަކީ ކުންފުންޏަށް ސަލާމަތްކުރެވިފައިވާ ޚަރަދު ތަކެކެވެ. އެހެންކަމުން މިއީ، ދެމެހެއްޓެނިވި ގޮތުގައި އެއަރޓްރެފިކް ކޮންޓްރޯލް އޮފިސަރުން ތަމްރީންކުރުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެމްއޭސީއެލުން ފާހަގަކޮށްފައިވެއެވެ.

މިއީ އެއަރ ޓްރެފިކްގެ ދާއިރާއިން ތައުލީމާއި ތަމްރީން ހާސިލްކުރަން ބޭނުވާ ދިވެހި ޒުވާނުންނަށްވެސް ހުޅުވިގެންދިޔަ ފަހި ފުރުސަތެކެވެ. ސިމިއުލޭޓަރ ސަޕްލައިކޮށް އިންސްޓޯލްކޮށްފައިވަނީ އެއަރޓްރެފިކް ކޮންޓްރޯލް އަދި އެއަރ ޑިފެންސް ސިމިއުލޭޓަރތައް އިންސްޓޯލްކުރުމުގައި 33 އަހަރުގެ ތަޖުރިބާ ލިބިފައިވާ އިނގިރޭސިވިލާތުގެ މައިކްރޯ ނޭވްއިންނެވެ. މިހާރު ސިމިއުލޭޓަރއިން އެއަރޕޯޓް ރަންވޭގެ 240 ޑިގްރީ ފެނުނުނަމަވެސް 280 ޑިގްރީއަށް ބޮޑުކުރުމުގެ ފުރުސަތު އެބައޮތެވެ. މިސިމިއުލޭޓަރ ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގެ އެއަރޕޯޓްތަކަށް ބިނާކޮށްގެންނެވެ.

މީގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މުޅި އޭރޯޑްރޮމް ވަރަށް ތަފްސީލުކޮށް ދައްކުވައިދޭގޮތަށް ވަނީ ފަރުމާ ކޮށްފައެވެ. ރާއްޖޭގެ ހުރިހާ އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް އެއަރޕޯޓްތަކުގެ އެއަރޓްރެފިކް ކޮންޓްރޯލް ޓަވަރުގެ ޚިދުމަތް ދެމުން އަންނަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީންނެވެ. އެއަރޓްރެފިކް ކޮންޓްރޯލް ޓަވަރ ސިމިއުލޭޓަރ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްވެރިންނާއި އެއަރޓްރެފިކް ކޮންޓްރޯލްގެ މުވައްޒަފުންވަނީ ބައިވެރިވެފައިވެއެވެ.

މަސްދަރު: https://raajje.mv/111544.

Related Post

Leave a Reply

Your email address will not be published. Required fields are marked *