ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް ގިނަވެއްޖެ: އިތުރު މީހަކު ހައްޔަރުކޮށްފި


ސައިކަލެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކުރީ ހޯރަފުށްޓަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ އިބްރާހިމް ރަޝީދެވެ.
އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަސް ޖަހައިފައެވެ.
”މީނާ ދުއްވަނިކޮށް ހުއްޓުވި ސައިކަލަކީ ވަގަށް ނަގައިގެން އުޅޭ ސައިކަލެއް ކަމަށް ހާދިސާ ރިޕޯޓުގައި ބަޔާންކޮށްފައިވޭ.“ ކޯޓު އަމުރުގައިވެއެވެ.
އޭނާ ދުއްވި ސައިކަލަކީ ”ކާލީ“ ކިޔާ މީހަކު ހަވާލުކުރި ސައިކަލެއް ކަމަށް ކޯޓުގައި އިބްރާހިމް ރަޝީދު ވަނީ ބުނެފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން އޭނާއަކީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.
ފަހަކަށް އައިސް މާލޭގެ މަގުތަކުގައްޔާއި ޕާކިން ޒޯނުތަކުގައި ޕާކް ކޮށްފައި ހުންނަ ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.
އެގޮތުން ވަގަށް ނަގާފައިވާ ދެ ސައިކަލެއްގައި ދަނިކޮށް މިދިޔަ އޮގަސްޓުމަހުގެ 20 ވަނަ ދުވަހު ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ދެ ދުވަސްކުރިން އެ މަހުގެ 18 ވަނަ ދުވަހު ވެސް, ވަގަށް ނަގާފައިވާ ސައިކަލެއްގައި ދަނިކޮށް މީހަކު ހައްޔަރުކުރިއެވެ. އޭނާ ބުނީ އެއީ އޭނާގެ ބޭބެގެ ސައިކަލާ ވައްތަރު ސައިކަލެއް ކަމުން އޮޅިގެން އެ ސައިކަލަށް އަރައިގެން ދުއްވުނީ ކަމަށެވެ.
މީގެއިތުރުން ވެސް ސައިކަލު ވަގަށް ނެގުމުގެ މައްސަލަތަކުގައި މި އަހަރުތެރޭގައި ގިނަ ބަޔަކު ހައްޔަރުކޮށްފައިވެއެވެ. އޭގެތެރެއިން ބައެއް މީހުންނަކީ ސައިކަލު ވަގަށް ނެގުމުގެ ކުށުގެ ރެކޯޑް ގިނަ އަދަދަކަށް އޮންނަ މީހުންނެވެ.
