އީޔޫގެ އޮބްޒާވަރުންގެ ވަގުތީ ރިޕޯޓް އާންމުކުރާނީ ހޯމަ ދުވަހު


މި އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން ފާހަގަކުރެވޭ ކަންކަމާއި ކަންބޮޑުވުންތައް ހާމަކުރާނީ ހޯމަ ދުވަހުގެ މެންދުރުފަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަމަށް، އިންތިހާބު އޮބްޒާވް ކުރުމުގައި ހަރަކާތްތެރިވަމުން އަންނަ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވަފްދުގެ ޗީފް އޮބްޒާވަރު ނާޗޯ ސަންޗޭޒް އަމޯޯ މިއަދު ވިދާޅުވެއްޖެ އެވެ.
– އިންތިހާބާ ބެހޭ ކަންކަން އޮބްޒާވް ކުރުމުގެ މަސައްކަތް އީޔޫގެ ވަފްދުން ރަސްމީކޮށް މިދިޔަ މަހުގެ މެދުތެރޭގައި ފަށާފައިވެ އެވެ. އެގޮތުން އެ މިޝަންގެ ފަރާތުން ބަލާ މޮނިޓާ ކުރާ ކަންކަމަކީ:
ރާއްޖޭގެ ގާނޫނީ އޮނިގަނޑާއި ގާނޫނޫ ތަންފީޒު ކުރުން
އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްދާ ގޮތް
ދައުލަތުގެ މުއައްސަސާތަކުގެ ދައުރު
ވޯޓުލާ މީހުންގެ ރަޖިސްޓަރޭޝަންގެ ކަންކަން
ކެމްޕޭން ހަރަކާތްތަކާއި ކެމްޕޭނުގެ ހަރަދުތައް
އަސާސީ ސިޔާސީ ހައްގުތަކާއި މިނިވަންކަމަށް އިހްތިރާމްކުރާ މިންވަރު
އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިވެރިވުން
ސޯޝަލް މީޑިއާ ހިމެނޭ ގޮތަށް މީޑިއާގެ ދައުރު
މަދަނީ މުޖުތަމައު އަދި ޖަމިއްޔާ ޖަމާއަތްތަކުގެ ދައުރު
ވޯޓުލުމާއި ގުނުމާއި ހިސާބު ހެދުމުގެ ކަންކަން
ޝަކުވާ ހުށަހެޅުމާއި ޝަކުވާ އިސްތިއުނާފު ކުރުމުގެ މަސައްކަތް
ނަތީޖާ އިއުލާނު ކުރުން
އީޔޫގެ 40 އޮބްޒާވަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓު ލުން ކުރިއަށް ދާ ގޮތް އޮބްޒާވް ކުރަމުން އަންނަ ކަމަށް އެ ވަފުދުގެ ޗީފް އޮބްޒާވަރު ވިދާޅުވި އެވެ. އޮބްޒާވް ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން އޭނާ ވަނީ ދާދި ދެންމެއަކު ސޯޝަލް ސެންޓަރުގައި ނޫސްވެރިންނާ ވާހަކައްކަވާފަ އެވެ.
– އެ މިޝަންގެ ފަރާތުން ކުރާ މަސައްކަތަކީ ކަންކަން ހިނގަމުންދާ ގޮތް ބެލުންކަން ތަކުރާރުކުރައްވައި ރާއްޖޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް އެ މިޝަންއިން އެއްވެސް ވަރަކަށް ނުވަންނާނެ ކަމަށް ނާޗޯ ވިދާޅުވި އެވެ.
އެ އުސޫލުގެ ދަށުން، މިހާތަނަށް މިޝަންގެ ބޭފުޅުންނަށް ފާހަގަކުރެވިފައިވާ ކަންކަމާއި އިންތިހާބާ ގުޅިގެން ކުރެވެމުންދާ ތުހުމަތުތަކާ އެކު، ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެ ކަމަށް މިޝަންގެ ފަރާތުން ގަބޫލުކުރޭތޯ ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަން އޭނާ އުޒުރުވެރިވެވަޑައިގަތެވެ.
އޭނާ ވިދާޅުވި ގޮތުގައި:
އިންތިހާބާ ގުޅިގެން ފާހަގަކުރެވޭ އެއްވެސް ކަމެއްގެ ވާހަކަ މި ވަގުތު އީޔޫ ވަފުދުގެ ފަރާތުން ނުދައްކާނެ
އޮބްޒާވަރުންނަށް ފާހަގަކުރެވޭ ކަންކަމާއި ވަފުދުގެ ކަންބޮޑުވުންތައް ހިމެނޭ ‘ޕްރިލިމިނަރީ އެސެސްމެންޓް’ ހާމަކުރާނީ ވޯޓުލައި ނިމި، ވަގުތީ ނަތީޖާ އިއުލާނު ކުރުމުން
ވަފުދުގެ ހޯދުންތައް ހާމަކުރުމަށް ހޯމަ ދުވަހު މެންދުރު ފަހު 2 ޖަހާއިރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފައި
– އިންތިހާބު އޮބްޒާވް ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ނާޗޯ ވިދާޅުވި ގޮތުގައި
މާލެ ސަރަހައްދާއި ރާއްޖޭގެ އެކި އަތޮޅުތަކުގައި އީޔޫގެ ޖުމްލަ 40 އޮބްޒާވަރުން މިއަދު ހަރަކާތްތެރިވަމުން އެބަދޭ
މިހާތަނަށް އޮބްޒާވް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ވަރަށް އޮމާންކޮށް، އެއްވެސް މައްސަލައެއް ކުރިމަތި ނުވެ
ވީހާ ވެސް ރަނގަޅަށް އިންތިހާބުގެ ކަންކަން ކުރިއަށް ދާ ގޮތް ދެނެގަތުމަށްޓަކައި ކޮންމެ އިންތިހާބީ މަރުކަޒެއްގައި އޮބްޒާވަރުން މަދުވެގެން 30 މިނެޓު ހޭދަކުރާނެ
40 މެމްބަރުންގެ ބޮޑު ޓީމަކުން ރާއްޖޭގެ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމުގެ މަސައްކަތް ކުރަމުންދަނީ އިންތިހާބާ ގުޅޭ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޗީފް އޮބްޒާވަރު ވިދާޅުވީ، އެހާ ގިނަ އަދަދެއްގެ އޮބްޒާވަރުން ހަރަކާތްތެރިވަމުން ދިޔުަމަކީ އީޔޫގެ ‘ކޮމިޓްމަންޓް’ ދައްކުވައިދޭ ކަމެއް ކަމަށާއި އެއީ ރާއްޖޭގެ އިންތިހާބާ ގުޅިގެން ހުރި ކަންބޮޑުވުންތައް ދައްކުވައިދޭ އަދަދެއް ނޫން ކަމަށެވެ.
– އިންތިހާބާ ގުޅިގެން އީޔޫގެ ވަފުދުން ތައްޔާރު ކުރާ ތަފްސީލީ ރިޕޯޓް ނެރެން ނިންމާފައިިވަނީ އިންތިހާބުގެ ‘ޕްރިލިމިނަރީ އެސެސްމަންޓް’ ނެރޭތާ ދެ މަސް ފަހުންނެވެ.
