މިއަހަރު މިހާތަނަށް 2000 އަށްވުރެ ގިނަ ވައްކަމުގެ މައްސަލަ


މި އަހަރުގެ މިހާތަނަށް އައިއިރުވެސް ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓުކުރީ ވައްކަމާއި އެކްސިޑެންޓްގެ މައްސަލަތައްކަން ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
މިއަހަރުގެ ފުރަތަމަ ދެ ކުއާޓާގައިވެސް އެންމެ ގިނަ ކަމަށް ފާހަގަކުރެވުނީ ވައްކަމާއި އެކްސިޑެންޓްގެ މައްސަލަތަކެވެ. ފުލުހުންގެ ވެބްސައިޓުން ފެންނަން ހުރި ތަފާސްހިސާބުތަކަށް ބަލާއިރު ޓްރެންޑަށް މާބޮޑު ބަދަލެއް އައިސްފައި ނުވެއެވެ.
2023 ވަނަ އަހަރުގެ މިހާތަނަށް ވައްކަމާ ގުޅުންހުރި 2،225 މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށްވަނީ ރިޕޯޓުކޮށްފައެވެ. ދެން އެންމެ ގިނައިން އެ ޚިދުމަތަށް ރިޕޯޓުކޮށްފައިވަނީ އެއްގަމާއި ކަނޑުމަތީގެ އެކްސިޑެންޓްތަކެވެ. އެއީ ޖުމުލަ 1،502 އެކްސިޑެންޓެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ތިންވަނައަށް އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ. މަސްތުވާތަކެއްޗާ ގުޅުންހުރި 1،265 މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް މިއަހަރުގެ މިހާތަނަށް އައިއިރު ރިޕޯޓުކޮށްފައިވެއެވެ.
މިއަހަރުގެ މިހާތަނަށް ތަކެތި ގެއްލިގެން 1،070 މައްސަލައެއް ފުލުހުންނަށްވަނީ ރިޕޯޓުކޮށްފައެވެ. ފުރައްސާރައިގެ 404 މައްސަލައާއި ބަދުއަހުލާގީ އަމަލު ހިންގުމުގެ 188 މައްސަލަ އަދި ފޭރުމުގެ 215 މައްސަލަވެސް މިހާތަނަށް އައިއިރު މިއަހަރު ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކޮށްފައި ވެއެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ގެވެށި އަނިޔާގެ 124 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ. މީހުންނަށް ބިރުދެއްކުމުގެ 149 މައްސަލައަކާއި ކުޑަކުދިންނާ ގުޅުންހުރި 197 މައްސަލަވަނީ ފުލުހަށް ހުށަހަޅާފައެވެ.
މިނޫނަސް ތަފާތު ބާވަތްތަކުގެ މައްސަލަތައް ފުލުހުންނަށް ރިޕޯޓުކުރެއެވެ.
މީގެތެރެއިން ބައެއް މައްސަލަތައް ބަލައި ނިމިފައިވާއިރު، އަނެއްބައި މައްސަލަތައް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. އަދި އެކިއެކި ސަބަބުތަކާ ހުރެ ކުރިއަށް ނުގޮސްހުރި މައްސަލަތައްވެސް އެބަ ހުއްޓެވެ.
