މިއަދަކީ ޤައުމީ ބަތަލުންނަށް އަޅުގަނޑުމެން ދަރާފައިވާ ދަރަނި އަދާކުރުމުގެ އަޒުމު އާކޮށް ޤައުމީ ބަތަލުންގެ ހިތްވަރުން ހިތްވަރު ލިބިގަންނަންވީ ދުވަހެވެ. ޤައުމު ބައިބައިވިޔަ ނުދީ ދިވެހިން އެދޭ އަމާން ރާއްޖެ އާއި ދިވެހިންގެ ރާއްޖެ ޝިޔާރާއެކު ގައުމީ ރޫހު އާލާކޮށް ދިރުވަންވީ ދުވަހެވެ.

ޤައުމެއްގެ ޙަޔާތުގައި އަންނަ މުހިންމު ދުވަސް ތަކުގެ ތެރެއިން މިއަދަކީ ދިވެހިރާއްޖޭގެ 80 ވަނަ ޤައުމީ ދުވަހެކެވެ. ރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހެވެ.

ޤައުމީ ދުވަހަކީ ބޮޑުތަކުރުފާނު ޕޯޗްގީޒުންގެ ކިބައިން ދިވެހިރާއްޖެ ސަލާމަތް ކުރެއްވި ދުވަހެވެ. ދުޝްމަނުންނަށް އުނދަގޫތަކާއި ދުއަތުރާތައް މެދުވެރިކުރައްވައި އެންމެފަހުން މާލޭގައި ހުރި ފުށެތިކާލުންގެ މަރުކަޒަށް ހަމަލާ ދެއްވިއެވެ. އިސްލާމްދީނާއި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު އަނބުރާ ހޯދަވައި ދެއްވިއެވެ.

މި ވާހަކަތަކަކީ ދިވެހި ތާރީޚީ ފަތްފުށްތަކާއި ކިޔަވަން ގެންގުޅޭ ފޮތްތަކާއި ތަމްސީލް ތަކާއި ފިލްމުތަކާއި ޑްރާމާތަކުން ތަފްޞީލުކޮށް ފެންނަން އޮތް ވާހަކަތަކެވެ. ޕޯޒުގީޒުންގެ އަތްދަށުން ދިވެހި ޤައުމު ސަލާމަތްކުރެއްވުމަށް ދިވެހިން ތިބި މަތިވެރި އިސްލާމް ދީން މަތީ ދެމިތިބުމުގެ ފުރުޞަތު ދިވެހިންނަށް ހޯއްދަވައި ދެއްވުމަށް އެމަނިކުފާނު ކުރެއްވި މަތިވެރި ޖިހާދުގެ އެކިއެކި ވާހަކަތައް އެހުރީ ފެންނާށެވެ.

މި މަތިވެރި ކާމިޔާބީގެ ހަނދާންތައް އައުކުރަނީ ބޮޑުތަކުރުފާނާއި އެ ތަކުރުފާނުގެ އަރިހުގައި ޖިޙާދުކުރެއްވި އަބްތާލުންގެ ފުރާނަފުޅުތަކަށް މާތްﷲގެ ރަޙުމަތާއި ދަރުމަ މިންވަރު ކުރެއްވުމަށް ދުޢާ ކުރާ ޙާލުގައެވެ. އަދި ޝުކުރުވުމުގެ ގޮތުން އަގަނޑުމެންނާއި ހަމައަށް ވާރުތަވަމުން އައި މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ރައްދު ކޮށްދިނުމަށް ޢަޒުމު ކަނޑައަޅަމުންނެވެ.

މިނިވަންކަން ގެއްލިގެން ދިޔަނުދީ ހިފެއްޓުމަކީ ފަސޭހަ ކަމެއްނޫނެވެ. އެކަން އަޅުގަނޑުމެން ދަންނަން ޖެހެއެވެ. ދުނިޔެ ބަދަލުވަމުން މިދާ ހަލުއި ބާރުމިނުގައި މާއްދީ ކަންތަކަށް ހިތްތަށް އެނބުރުނު އެނބުރުނުހެން މާއްދިއްޔަތަށް ދަހިވެތިވާ ދަހިވެތިވުން ދަނީ ޙައްދެއް ނެތި ބޮޑުވަމުންނެވެ.

އެހެން ވުމުން އެތެރޭގެ އަމާންއަމާންކަން ދެމެހެއްޓިފައި އޮތުމަކީ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކަށް ކުރައްވާ ޚަރަދު އެހެނިހެން ކަންތައްތަކަށް ހޭދަކުރައްވަން ޖެހިވަޑައި ނުގަންނަވާނެ ކަމެކެވެ. އެތެރޭގެ ހަމަޖެހުން ދެމެހެއްޓޭނީ ވަކިވަކި ފަރުދުންނާއި އާއިލާތަކުގެ ޞުލްޙަ މަޞްލަޙަތު ހަމަޖެހުގެންނެވެ. އެކަނަތައްތަކަށް މަގުފަހި ވަނީ ޢަދުލުވެރިކަމާއި އިންސާފާއި ހަމަހަމަކަމާއި އެކުވެރިކަމާއި ގާތްކަމާއި ގުޅުންތަކުގެ ބަދަހިކަން ދެމެހެއްޓިގެނެވެ. މިހިރަ މިހިރަ ކަންތައްތަކާމެދު ކުޑައިރުކޮޅަކު ނަމަވެސް ފިކުރުކޮށްލުމަކީ މުހިންމު ކަމެކެވެ. އަދި އަމިއްލަ މަޞްލަޙަތާއި ޤައުމީ މަޞްލަޙަތަކީ ކޮބައިކަމާމެދު ވިސްނާލުމަކީ ވެސް ހަމައެހައިމެ މުހިންމު ކަމެކެވެ.

ދިވެހި ޤައުމަށް މިހާރު ނަޒަރެއް ހިންގާލާނަމަ ދިވެހިންގެ އެއްބައިވަންތަކަމާއި އަމާންކަމާއި ސުލްހަވެރިކަން މަތީ އުޅެމުންދިޔަ މި މުޖުތަމައަށް ވަމުން ދާ ގޮތް މިއޮތީ ފެންނާށެވެ. އެއްބައިވަންތަކަމުގެ ބަދަހި ސަފުތައް ރޫޅެމުންދާ ވާހަކަ އަޑުއިވޭތާ ދުވަސް ތަކެއްވެއްޖެއެވެ.

މިފަދަ ދުވަހެއްގައި ފާޅުކޮށްފައި ހުންނަ ޝުޢޫރުތަކަށް ބަލާލާ އިރު ގިނަ މީހުން ފާހަގަކޮށްފައި ހުންނަނީ އެފަދަ ޝުޢޫރުތަކެވެ. އެހެންވުމުން ދިވެހި ސަފުތައް ބަދަހި ނުވެގެން އުޅޭ ސަބަބާމެދު މިއަދު ވިސްނާލުން ކިހިނެއްވާނެތޯއެވެ. މިއަދު މި ޤައުމު އަޅުވެތިކުރުމަށް ޕޯޒުގީޒުން ނެތް ނެތެވެ. ނަމަވެސް ކޮންމެސް ސިފައެއްގައި އެކަން ކުރުމަށް ލޯ އަޅާ ފަރާތްތައް މަދެއް ވެސް ނޫނެވެ.

ޤައުމީ ދުވަހުގެ މުނާސަބަތާއެކު ފާޅުކުރަމުންދާ ޝުޢޫރުތައް އަމަލުން ދެއްކުން ކިހިނެއް ވާނެ ހެއްޔެވެ؟ މުޖުތަމައުގެ ބަދަހި ކަމާއި އަމަން އަމާންކަމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުން ކިހިނެއްވާނެ ތޯއެވެ؟ ހިޔާލު ތަފާތުވުންތަކާއެކު ޤައުމު އިސްކޮށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުން ކިހިނެއްވާނެތޯއެވެ. ބޮޑުތަކުރުފާނު ކުރެއްވި ޤައުމީ ޖިހާދުގެ އަގު ވަޒަންކުރުމަކީ އެއީ ނޫންތޯއެވެ!

ޤައުމެއްގެ އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓޭނީ ހަމަޖެހުން ޤާއިމުވެގެންނެވެ. ހަމަޖެހުން ޤާއިމްކުރުމަށްޓަކައި އަޅުގަނޑުމެންގެ ގުޅުން ކަނޑައަޅަން ޖެހޭ ކަމެކެވެ. މިކަން ކަނޑައެޅާނީ އެކިއެކި ފަރުފަދުންގެ ފެންވަރުގައެވެ. އާއިލާތަކުގެ ފެންވަރުގައެވެ. ޖަމާއަތުގެ ފެންވަރުގައެވެ. އަދި މުޅި މުޖުތަމައުގެ ފެންވަރުގައެވެ. އެހެނީ ހަމަޖެހުމަކީ ޙަޤީޤަތުގައި ވެސް ތަރައްޤީގެ ތަޅުދަނޑިއެވެ. ތަރައްޤީއަށްޓަކައި ކުރެވޭ ކަންތައްތަކުގައި އެއްހިތުން އެއްބާރުލާ ރައްޔިތަކީ މުހިންމު ބަހާއެކެވެ.

އަޅުގަނޑުގެ ދުޢާއަކީ ދިވެހިރާއްޖެއަކީ ޞުލްޙަ މަޞްލަހަތަށް ލޯބިކުރާ ތަރައްޤީ އާއި ކުރިއެރުމުގެ އަގު ވަޒަންކުރާ ރައްޔިތުން ދިރިއުޅޭ ޤައުމެއްކަމުގެ ގޮތުގައި ލެހެއްޓެވުމެވެ. މި ކުޑަކުޑަ ރާއްޖެއަށް އަބަދު ވެސް ކުރިއެރުމުގެ އާރޯކަމާއި ފެހިކަން މިންވަރު ކުރެއްވުމެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *