އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އާންމުންނާއި އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތެއް އަހުލުވެރިކުރުމުގެ ގޮތުން އޮންލައިން ޕްރޮގްރާމްތަކެއް ހިންގުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނިންމައިފިއެވެ.

ހައުސިންގ މިނިސްޓްރީން ބުނީ އެ ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުން ފެށިގެން ޑިސެންބަރުގެ ނިޔަލަށް ކަމަށެވެ.

މި ސެޝަންތައް ކުރިއަށް ގެންދިއުމުގެ މަގުސަދަކީ އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އާމުންނާއި އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތެއް އަހުލުވެރިކުރުވުމެވެ.

މި ސެޝަންތައް ބިނާކުރެވިފައިވަނީ އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި ރަޖިސްޓަރީވެފައިވާ ހުއްދަ ދޫކުރާ އިދާރާތަކުން އިމާރާތްކުރުމުގެ މަސައްކަތާއި ގުޅުންހުރި ހުއްދަތައް ދިނުމާއި ކުރެހުން ފާސްކުރުމާއި އަދި ގަވާއިދާ ޚިލާފުވާ ފަރާތްތަކާއި މެދު އަމަލުކުރަންވީ ގޮތްފަދަ ކަންކަމަށް އަމާޒުކޮށްގެންނެވެ.

”ޕްރޮގްރާމްގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލަން. އަދި މި ޕްރޮގްރާމުގެ ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ ތާއްވަލެއް މިނިސްޓަރީގެ ވެބްސައިޓް އަދި މީސްމީޑިޔާގައި ހިއްސާކުރެވޭނޭ ވާހަކަ ވެސް މައުލޫމާތައްޓަކައި ދެންނެވިން.“ މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އޮކްޓޫބަރުމަހުގެ އެއްވަނަ ދުވަހުގެ ކުރިން ގޫގުލް ފޯމް ލިންކުން (https://forms.gle/kQXTDx6qoX3qETMa8) ރެޖިސްޓްރޭޝަން ފުރިހަމަކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *