ފުރަތަމަ ކުށްކުރާ ޒުވާނުންނަށް ބޮޑެތި ޖަލު އަދަބުތައް ދިނުމާއި، ބޮޑެތި ބަންދުތަކުގައި ބޭތިއްބުމުގެ ބަދަލުގައި ފަރުވާ ދީގެން މުޖުތަމައުއަށް ފައިދާ ހުރި މަސައްކަތް ކުރާ ބަޔަކަށް ހަދައި ނެރެދޭނަން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ށ. ފުނަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ އުމްރާނީ ތަރައްގީ ގެނެސްގެން ނުފުދޭނެ ކަމަށާއި މި މުޖުތަމައުގައި ހުރި ގިނަ މައްސަލަތަކަށް ހައްލު ހޯދައި މި މުޖުތަމައު ރަނގަޅު މަގަކަށް އަޅުވައިގެން ނޫނީ ގައުމަށް ތަރައްގީ ނުގެނެވޭނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޒުވާނުންގެ ތެރެއިން ފުރަތަމަ ކުށްކުރާ ޒުވާނުންނަށް ބޮޑެތި އަދަބުތައް ދީ ބޮޑެތި ބަންދުތައް ޖަހައިގެން ހައްޔަރު ކުރާ ކަމަށާއި އެ ކަމަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

މުއިއްޒުއަށް ވެރިކަން ލިބިވަޑައިގެންފި ނަމަ އެ ފަދަ ޒުވާނުން އަނބުރާ މުޖުތަމައުއަށް ގެނެވޭނެ ފަދަ މެކޭނިޒަމެއް ގާއިމް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަލަށް ކުށްކުރާ ފަރާތްތަކަށް ވަކި ހާއްސަ މާހައުލުތަކެއް ގާއިމް ކޮށްގެން ފަރުވާ ލިބި އަނެއްކާވެސް މުޖުތަމައު އަށް އައިސް، ބިނާކުރެނިވި މަސައްކަތެއް ކުރާ އަދި މުޖުތަމައުއަށް ފައިދާ ހުރި ބަޔަކަށް ހައްދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތް ކުރުމަށް ގާނޫނީ ގޮތުން ގެންނަން ޖެހޭ އިސްލާހުތައް ގެނެސް އެކަން ކުރައްވާނެ ކަމަށާއި ވާނުވާގައި ބޭތިއްބުމަށް ނިމުމެއް ގެންނާނަން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

“ހަމައެކަނި އުމްރާނީ ތަރައްގީ ގެނަޔަސް ތަރައްގީ އެއް ނުވާނެ. އިގްތިސޯދީ ގޮތުން ފުދުންތެރިކަން ގެނަޔަކަސް ނުފުދޭނެ.”

ޑރ. މުހައްމަދު މުއިއްޒު

ހަމައެއާއެކު ޒުވާނުން ޖެހިފައިވާ މަސްތުވާތަކެތީގެ ވަބާ އިން ސަލާމަތް ކުރުމަށް އޭނާގެ މެނިފެސްޓޯގައި ގިނަ ކަންތައްތަކެއް ހިމަނާފައިވާ ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. 5 އަހަރުގެ ސަރުކާރެއްގައި ވަރަށް ހާއްސަ އިސްކަމެއް ދީގެން މި ވަބާއިން ޒުވާނުން ސަލާމަތް ކުރުމައްޓަކައި ބަޖެޓުގައި ހިމަނައިގެން ހާއްސަ ކަންތައްތަކެއް ހިންގާނެ ކަމަށާއި ޑްރަގް އެތެރެވާ ގޮތްތައް ދެނެގަނެ ތާއަބަދަށް އެކަންކަން ހުއްޓުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ގައުމު ދެކެ ލޯބިވާ އަދި އިހްތިރާމް ކުރަން ދަންނަ ޖީލެއް ބިނާ ކުރުމަކީ ވެސް މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވައި އެކަންކަން ސްކޫލް ދައުރުން ފެށިގެން ކުދިންގެ ކިބައިގައި އަށަގެންނެވުމަށްޓަކައި މަންހަޖުގައި އެކަމަށް ހާއްސަ މާއްދާއެއް އުފައްދައިގެން ވިޔަސް އެ ބަދަލު ގެންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޑަކުދިން ނޫނަސް ބޮޑެތި މީހުންގެ ތެރޭގައި ވެސް ތިމާއަށް ވުރެ ބޮޑެތި މީހުންނަށް އިހްތިރާމް ކުރުން ފަދަ ކާބަފައިންގެ ޒަމާނުން ފެށިގެން އައިސްފައިވާ ރީތި އާދަކާދަތައް ނެތިގެން ދިޔުމުގެ ކަންބޮޑުވުން މުއިއްޒު ހިއްސާ ކުރެއްވިއެވެ. އެގޮތު ސިޔާސީ މަސައްކަތުގައި ހިތްހަމަ ނުޖެހޭ ކަންކަން ކުރާ މީހުންނެކޭ އެއް ލެވަލްއަކަށް ވެއްޓިގެން ނުވާނެ ކަމަށާއި ރައްދު ދިނުމުގެ ގޮތުން ވެސް އެ ފެންވަރަށް ނުވެއްޓި ކާބަފައިންގެ ޒަމާނުގެ ރިވެތި އާދަތައް އަށަގަންނަވަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *