ހަދިޔާއަކީ މީހަކު މީހަކަށް ހިތުން ރުހުމުން ދޭ އެއްޗެކެވެ. ހަދިޔާއެއް މީހަކަށް ދިނުމަށް ފަހު ހަދިޔާ އަށް ދިން އެއްޗެއް ވަނީ ލިބުނު މީހާގެ މިލްކަކަށެވެ. އެއަށް ހުރިހާ ބާރެއް ފޯރާނީ އޭނާ އަށެވެ. ހަދިޔާ ދިން ފަރާތަށް އެ ހަދިޔާއާ މެދު ގޮތްކިޔައި އެ ބޭނުންކުރުމުގެ އެއްވެސް ބާރެއް ނޯންނާނެ އެވެ.

ރާއްޖެއަށް އިންޑިއާ އިން ދެ ހެލިކޮޕްޓަރު “ހަދިޔާ” ކުރީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެ ދެ ހެލޮކޮޕްޓަރު ރާއްޖެއަށް ހަދިޔާކުރުމުގެ ރަސްމިއްޔާތުގައި އިންޑިއާގައި ސޮއިކުރުމަށް ފަހު އޭގެ ތެރެއިން އެކަތި ގެނެވުނީ ވެސް އެ މަނިކުފާނުގެ ވެރިކަމުގަ އެވެ. ހެލިކޮޕްޓަރާއެކު އެ ދުއްވާނެ ޕައިލޮޓުންނާއި އިންޖިނިއަރުންނާއި އެނޫން ވެސް އެ ބެލެހެއްޓުމަށް ބޭނުންވާ މީސް މީހުންގެ ނަމުގައި އިންޑިއާއިން ބޮޑު ޓީމެއްއަ އެވެ. އޭރު އިންޑިއާއިން ބުނީ ދިވެހި ސިފައިންނަށް ހެލިކޮޕްޓަރު ދުއްވަން ދަސްވެ އެ ބެލެހެއްޓުމުގެ ކުޅަދާނަކަން ލިބެންދެން އެ މީހުން ރާއްޖޭގައި ދެމި ތިބޭނެ ކަމަށެވެ.

އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރުގެ ތެރެއިން ދެވަނަ ހެލިކޮޕްޓަރު ރާއްޖެ ނުގެނެވެނީސް ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުގެ ސަބަބުން ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް ބުރޫއެރި އެވެ. އެ ހިސާބުން ދެ ގައުމުގެ ދެމެދުގައި ވެފައި އޮންނަ އެއްބަސްވުންތަކާ ޚިލާފަށް އިންޑިއާ އިން ދިވެހިންނަށް ވިސާގެ މައްސަލަ ކުރިމަތިކުރުވައި ބޭހަށްދާ މީހުންނަށް އުނދަގޫތަކެއް ޖެއްސި އެވެ. އޭގެ އިތުރުން ރާއްޖެއަށް ހިލަޔާއި ހިލަވެލި އެކްސްޕޯޓު ކުރުން ހުއްޓާލައި ރައީސް ނަޝީދުގެ ވެރިކަމުގައި ދޫކޮށްފައި އޮތް ކްރެޑިޓް ލައިނުގެ ފައިސާ ވަގުތުން ދައްކަން އެންގި އެވެ.

ޑރ. މުހައްމަދު ވަހީދުގެ ވެރިކަން ނިމި ރައީސް ޔާމީނުގެ ވެރިކަން ފެށުނުއިރު ރައީސް ޔާމީނަށް ޖެހިވަޑައިގެންފައި އޮތީ އިންޑިއާ އާއި ރާއްޖެއާ ދެމެދު މައްސަލަ ޖެހިފައި އޮތް ގުޅުން ހަމަޔަކަށް އެޅުވުމަށެވެ. އެގޮތުން އެމަނިކުފާނު އިންޑިއާއަށް ދަތުރުކުރައްވައި އިންޑިއާ ފަސްޓު ޕޮލިސީއެއްގެ ޔަގީންކަން ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދެއްވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރަނގަޅުވެގެން އައި ގުޅުމާއެކު އިންޑިއާއިން ކުރިން ހަދިޔާކޮށް ނުފޮނުވައި އޮތް ދެވަނަ ހެލިކޮޕްޓަރު ވެސް ރާއްޖެ ގެނަ އެވެ. އެއާއެކު އިންޑިއާ އާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިވެ ބޭސް ފަރުވާއަށް ވިސާ އާ ނުލައި ދެވޭ ގޮތަށް ހަމަޖެހުނެވެ.

އިންޑިއާ ސިފައިން އެމްއެންޑީއެފްގެ ނަން ޖަހައިގެން ރާއްޖޭގައި ދުއްވާ ހެލިކޮޕްޓަރެއް. މި ހެލިކޮޕްޓަރާ ބެހޭ ގޮތުން އެމްއެންޑީއެފް އިން އާއްމުންނަށް ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައި. ފޮޓޯ: އެމްއެންޑީއެފް

ރާއްޖެއިން އިންޑިއާ ސަރުކާރާއެކު އަވަށްޓެރިކަމުގެ ގުޅުން ހަރުދަނާ ކުރެއްވިކަމުގައި ވިއަސް ރައީސް ޔާމީނަށް އެމަނިކުފާނު ކެމްޕޭނުގައި ވެވަޑައިގަތް ވައުދުތައް ފުރިހަމަ ކުރުމަށް ބޭނުންފުޅުވި ފައިސާ ލިބޭނެ މަގެއް ހޯއްދަވަން ވެސް ޖެހި ވަޑައިގެންނެވި އެވެ.

އޭރު “ނުވާނެ ކަމެއް”ގެ ގޮތުގައި ބެލެވިފައި އޮތް ހުޅުމާލޭ ބްރިޖާއި ބޯހިޔާ ވަހިކަމުގެ ބިޔަ މަޝްރޫއަށް ބޭނުންވި ފައިސާ އާއި ފަންނީ އެހީތެރިކަން އެވަގުތު ލިބެން އޮތީ ޗައިނާ އިން ކަމަށް ވާތީ އެދިމާލަށް މިސްރާބު ޖައްސަވައި ޗައިނާގެ ވަރަށް ދީލަތި އެހީއާ އެކު ޕްރޮޖެކްޓްތައް ނިންމަވައި ލެއްވި އެވެ.

ޗައިނާގެ އެހީގައި ރާއްޖޭގެ ބޮޑެތި އިންފްރާސްޓްރަކްޗާ މަޝަރޫއުތަކެއް ހިންގި ކަމަށް ވިޔަސް ރައީސް ޔާމީންގެ ސަރުކާރުން ނުކުރިކަމަކީ ޗައިނާއަށް ރާއްޖޭގެ ސްޓްރެޓެޖިކް ޕްރޮޖެކްޓްތައް ދެއްވުމެވެ. ބްރިޖް ހެދުން ފިޔަވައި ރައީސް ޔާމީންގެ ސަރުކާރުގެ އެންމެ ބޮޑު އިސްކަމެއް ދިން އެއް ޕްރޮޖެކްޓް ކަމަށްވާ އައިހެވަންގެ މަޝްރޫއު ކުރިއަށް ނުގެންދެވުނީ ވެސް އެ މަޝްރޫއު ސިޔާސީ ގޮތުން އިންޑިއާ ކަނޑަށް ރާއްޖެ ބޭނުންކޮށްގެން ނުފޫޒު ފޯރުވައިފާނެ ގައުމަކަށް ދޭން ބޭނުންނުވުމެވެ. އެހެން ކަމުން ޗައިނާގެ ބަދަލުގައި އަރަބި ގައުމުތަކާއެކު އެ މަޝްރޫއު ކުރިޔަށް ގެންދަން ކުރެވުނު މަސައްކަތް ދިޔައީ ލަސް ދުވެއްޔެއްގަ އެވެ.

ރާއްޖޭގައި ޗައިނާ އިން ގިނަ މަޝަރޫއުތަކެއް ހިންގާތަން ފެނި އަވައްޓެރި އިންޑިއާ އޮތީ ރާއްޖެއާ މެދު ހިތްހަމަނުޖެހި އެވެ. އެ ދުވަސްވަރު އިދިކޮޅުން ހިންގަމުން ގެންދިޔަ ހަރަކާތްތަކަށް އިންޑިއާއިން ފާޅުގައި ވާގިވެރިވެ، ރާއްޖޭގެ ސަރުކާރު ބަދަލުކުރުމަށް ގޮވާލަމުން ދިޔަ ގޮވާލުމަށް އެހީތެރިވުމަށް ވެސް ތައްޔާރުވި އެވެ. އޭރު ދިވެހި ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ ވިސާ އޮތީ ހަމަވެފަ އެވެ. އެ ވިސާއަކީ ކޮންމެ ހަ މަހަކުން އާ ކުރަމުން އައި އެއްޗެކެވެ. ބެލެވޭ ގޮތުގައި ހަ މަހަށް ވިސާ ދޭން ފެށީ ހަ މަސް ދުވަހުން ދިވެހި ސިފައިންނަށް ބޭނުންވާ ތަމްރީނުތައް ނިމި އެމީހުނާ ހެލިކޮޕްޓަރު ހަވާލުކުރެވޭނެ ކަމަށް ބަލައިފަ އެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ މަތިންދާބޯޓު. ފޮޓޯ: އެމްއެންޑީއެފް

ވިސާ ހަމަވެފައި ތިބި އިންޑިއާ ސިފައިން އެމީހުންގެ ހެލިކޮޕްޓަރާއެކު ރާއްޖެއިން ދިއުމަށް ދިވެހި ސަރުކާރުން އެންގި ކަމުގައި ވިއަސް އިންޑިއާ ސަރުކާރުން އެކި އެކި ބަހަނާތައް ދައްކައި އެކަން ލަސްކުރި އެވެ. ހެލިކޮޕްޓަރު ބަލާ އަންނަން ބޯޓެއް ހޯދާ ވާހަކަ އާއި އެނޫންވެސް ތަފާތު ވާހަކަތައް ދައްކައި ޔާމީންގެ ސަރުކާރު ނިމެންދެން މަޑުކުރީ އެވެ.

ޔާމީންގެ ސަރުކާރު ބަދަލުވުމަށް ފަހު ވެރިކަމަށް އައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާ ސިފައިންނަށް ވިސާ ދީ އެމީހުންނަށް ގާއިމުވެގެން ތިބެވޭނެ މަގު ހަމަޖައްސައިދިނެވެ.

ހަދިޔާއެއްގެ ގޮތުގައި އިންޑިއާ އިން ރާއްޖެއަށް ދިން ދެ ހެލިކޮޕްޓަރުގައި ދިވެހިންނަށް އަތްލެވޭކަށް ނެތެވެ. އެ ދެ ހެލިކޮޕްޓަރާއެކު އިންޑިއާ ސިފައިންގެ ފައުޖެއް ރާއްޖޭގައި ގާއިމުވެގެން އެބަތިއްބެވެ. އެހެން ކަމުން ރާއްޖެއަށް ދެ ހެލިކޮޕްޓަރު ހަދިޔާކުރި ކަމަށް އިންޑިއާ އިން ބުނާ ބުނުމަކީ މަކަރާއި ހީލަތުން ރާއްޖޭގައި އެ ގައުމުގެ ސިފައިން ގާއިމުވެ ތިބުމަށް ހެދި ބޮޑު ދޮގެކެވެ. އެއީ ހަދިޔާއެއް ނޫނެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *