ވެރިން އައްޔަނު ކުރުމާ ދައުލަތް ހިންގުމަކީ ދީނީކަމެއް: ޝައިޚް ޝުޢައިބު


ކެންޑިޑޭޓުގެ ދީންވެރިކަމަށް ބަލަންޖެހޭ ކަމަށް ވިދާޅުވެ ދެއްވާ ވީޑިއޯއެއް އާންމު ކުރައްވަމުން، ރިޔާސީ އިންތިޚާބުގެ ދުވަސްވަރުގައި ޝައިޚް ޝުޢައިބު ކުރެއްވި މި ޓްވީޓްގައި ވިދާޅުވީ ވެރިން އައްޔަނު ކުރުމާ ދައުލަތް ހިންގުމަކީ ދީނުގެ އެންމެ އިސް ވާޖިބު ތަކުގެ ތެރެއިންވާ ކަމެއް ކަމަށެވެ.
ސިޔާސީ ކަންކަމުގައި ދީނީ ޢިލްމުވެރިން ބަސް ބުނުމަކީ ދީނީ ގޮތުން ވާޖިބުވެގެންވާ ކަމެއް ކަމަށް ޝައިޚް ވިދާޅުވިއެވެ.
ޝައިޚް ޝުޢައިބު އާންމު ކުރެއްވި ވީޑިއޯގައި ވަނީ ވެރިއެއްގެ ގޮތުގައި އައްޔަނު ކުރާ މީހެއްގެ ދީންވެރިކަން ދެނެގަންނަން ބެލިދާނެ ކަންކަމަކީ ކޮބައިތޯ ކިޔައިދެއްވައިފައެވެ.
ޝައިޚް ވިދާޅުވީ މީހެއްގެ ދީންވެރިކަން ބެލުމަށްޓަކައި އެމީހާގެ އަޅުކަން ކުރުން ހުރި މިންވަރަކީ ކޮބައިތޯ ބަލަންޖެހޭނެ ކަމަށާ އަޅުކަންތަކުގެ ތެރެއިން ވެސް ޚާއްސަކޮށް ނަމާދަށް ފަރުވާތެރިވާ މިންވަރަކީ ކޮބައިތޯ ބަލަންޖެހޭ ކަމަށެވެ.
އަދި އެމީހަކީ ނަމާދަށް ފަރުވާތެރިވާ މީހެއް ކަމުގައި ވަނީނަމަ އެއީ ދީންވެރި މީހެއް ކަމަށް ބެލެވިދާނެ ކަމަށް ޝައިޚް ވިދާޅުވިއެވެ. އަދި އޭނަގެ މައިންބަފައިންނަކީ ރަނގަޅު ތަރުބިއްޔަތެއް ދެވޭފަދަ ދީންވެރި ބައެއްތޯ ބަލަންޖެހޭ ކަމަށާ އަދި އެމީހާގެ އަނބި ދަރިންގެ ކިބައިން އިސްލާމް ދީނުގެ އަސަރު ފެނޭތޯ ބަލާއިރު އެކަން ފެންނަ ނަމަ އެއީ އެމީހާގެ ކިބައިން އައި ދީންވެރި ކަމުގެ އަސަރު ކަމަށް ބެލިދާނެ ކަމަށް ޝައިޚް ވިދާޅުވިއެވެ.
އަދި އެމީހާގެ އަޚުލާޤަކީ ކޮބައިތޯ ބަލަންޖެހޭނެ ކަމަށާ އޭނާގެ ކިބައިގައި ހުރީ އިސްލާމް ދީނުގެ ރިވެތި އަޚުލާޤުތޯ ބަލަންޖެހޭ ކަމަށް ޝައިޚް ވިދާޅުވއެވެ.
މީގެ އިތުރުން އެމީހަކީ މާތްﷲ އާ ރަސޫލުﷲ ޞ.ޢ.ވ. ދެކެ ލޯބިވާ މީހެއްތޯ ބަލަންޖެހޭނެ ކަމަށާ އެގޮތުން އޭނާގެ ޢަޤީދާއަކީ ރަނގަޅު ޢަޤީދާތޯއާ އޭނައަކީ އިސްލާމްދީން ދެކެ ލޯބިވާ އަދި އިސްލާމްދީނަށް ނަސްރާ ކާމިޔާބު ލިބުމަށް އެދޭ މީހަކު ކަމުގައި ވަނީނަމަ އޭނާއަކީ ދީންވެރި ރަނގަޅު މީހެއް ކަމަށް ދަލީލު ކޮށްދޭ ކަމަށް ޝައިޚް ޝުޢައިބު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ކުރިން ވޯޓުލާ ކެންޑިޑޭޓަކީ ދީންވެރި ރަނަގަޅު މީހެއްތޯ ބެލުން އެއީ ވަރަށް މުހިއްމު ކަމެއް ކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ.
ކޮންމެ ފަސް އަހަރަކުން ވެރިޔަކު ހޮވުމަށް ދިވެހިރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. 8 ކެންޑިޑޭޓުން ވާދަކުރެއްވި މި އިންތިޚާބުގެ ފުރަތަމަ ބުރު މިމަހުގެ 9 ވަނަ ދުވަހު ބާއްވާފައި ވާއިރު އެއްވެސް ކެންޑިޑޭޓަކަށް %50 އަށްވުރެ ގިނައިން ވޯޓު ލިބިފައި ނުވާތީ ބާއްވާ ދެވަނަ ބުރުގައި ވާދަ ކުރައްވާނީ އެންމެ ގިނައިން ވޯޓު ލިބިފައިވާ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު އަދި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބުރާހީމް މުޙައްމަދު ޞާލިޙްއެވެ.
