ކުރު މުއްދަތުގެ ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގިގެން ނުވާނެ ކަމަށް، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ހާމަކޮށްފިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިރޭ ނެރެފެއިވާ ނޫސް ބަޔާނުގައި، މިމަހުގެ 20 ވަނަ ދުވަހު ނިޒާމު ބަދަލު ކުރުމާއި މެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން ޤަރާރެއް ފާސް ކުރިކަން ވަނީ ފާހަގަކޮށްފައެވެ. އަދި މި ޤަރާރު އިލެކްޝަންސް ކޮމިޝަނަށް ލިބި މިއަންނަ މަހުގެ 29 ވަނަ ދުވަހު ވޯޓެއް ނެގުމަށް މަޝްވަރާ ކޮށްފައިވާކަން ކޮމިޝަނުން ހާމަކުރިކަން ވަނީ ފާހަގަކޮށްފައެވެ.

ޓްރާންސްޕޭރެންސީގެ ބަޔާނުގައި މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް، މީޑިއާތަކާއި، މަދަނީ ޖަމީއްޔާތަކާއި، ސިޔާސީ ޕާޓީތަކުން ތައްޔާރުވަމުންދާއިރު، ނިޒާމު ބަދަލު ކުރުމަށް ނެގޭ ފެންނަ ނުފެންނަ ވޯޓަށް އަމާޒުކޮށް އެކަށީގެންވާ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށް ވަގުތު ކުޑަތަން ވެފައިވާ ކަން ފާހަގަ ކުރެއެވެ. އަދި މިހާ ކުރު މުއްދަތެއްގައި ވޯޓުލާ ފަރާތްތަކަށް ނިޒާމާއި ބަދަލުތަކާއި ގުޅޭ އެކަށީގެންވާ މައުލޫމާތު ދެވި، އެއާއި މެދު ގޮތެއް ނިންމުމަށް ވަގުތު ނުދެވޭކަން ވަނީ ފާހަގަކޮށްފައެވެ.

މިކަމުގައި މަޖިލީހާއި، އިލެކްޝަންސް އަދި ކަމާއި ބެހޭ ފަރާތްތަކަށް ޓްރާންޕޭރެންސީން ވަނީ 3 ކަމަކަށް ގޮވާލާފައެވެ. އެގޮތުން ފުރަތަމަ ގޯވާލީ، ސަރުކާރު ހިންގުމަށް ހުށަހަޅާފައިވާ ނިޒާމުތައް ބަޔާންކޮށް ފުރިހަމަ ޤައުމީ ފެންވަރުގެ ވޯޓާ އެޑިއުކޭޝަން ޕްރޮގްރާމެއް ހިންގުމަށެވެ.

ދެވަނައަށް ގޮވާލީ ހިންގުމުގެ ނިޒާމާއި ބެހޭ ގޮތުން އާންމުން ހިޔާލު ފާޅުކުރުމަށް އަދި ބަހުސްތަކަށް އެކަށީގެންވާ ވަގުތު ދިނުމަށެވެ. މީގެ އިތުރުން ވޯޓެއް ނެގުމުގެ ކުރިން ނިޒާމަށް އަންނަ ބަދަލުގެ ސަބަބުން ކުރާނެ އަސަރު ކަށަވަރު ކުރުމަށް ވަނީ ގޮވާލާފައެވެ.

ޓްރާންސްޕޭރެންސީން އެންމެ ފަހުކަމަކަށް ގޮވާލާފައިވަނީ ވޯޓުނެގުމުގެ މަރުހަލާތަކުގައިއާއި، ވޯޓު ނެގުމަށް ނިންމޭ ނިންމުންތަކުގައި ހާއްސަކޮށް ޒުވާނުން އަދި ފުރަތަމަ ފަހަރަށް ވޯޓުލާ ފަރާތްތަކާއިއެކު އެފަރާތްތަކަށް މާނަހުރި ބައިވެރިވުން ކަށަވަރު ކުރުމަށެވެ.

މިކަންކަމުގެ އިތުރުން އެޖަމީއްޔާއިން ވަނީ ފެންނަ ނުފެންނަ ވޯޓަކީ ޙަރަދު ބޮޑު މަސައްކަތަކަށް ވުމުން ކުރު މުއްދަތުގެ ސިޔާސީ މަންފާއައްވުރެ ބޮޑަށް، ވޯޓުލާ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތުތަކުގެ މައްޗަށް ނެގޭ ވޯޓެއްކަން ކަށަވަރު ކުރުމަށެވެ. މީގެ އިތުރުން މުޢައްސަސާތަކުން ދައުލަތުގެ ފައިސާއަށް ޒިންމާދާރު ކުރުމާއިއެކު، ވޯޓާއި ގުޅުންހުރި ފުރިހަމަ މައުލޫމާޓު ފޯރުކޮށްދިނުމާއި މީހުންގެ އިހުތިޔާރު ދައްކުވައިދޭ މާނަހުރި މަޝްވަރާއެއް ބޭއްވި، އެކަށީގެންވާ ވަގުތު ހާއްސަކޮށް ކަނޑައެޅެން ވާނެކަން ވަނީ ފާހަގަކޮށްފައެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *