ވަގުތު ޕްރައިވެޓް ލިމިޓެޑުން މުއައްޒަފުންގެ ރިޓަޔަމަންޓް ޕެންޝަނުގެ ގޮތުގައި ޕެންޝަން އޮފީހަށް ދައްކަންޖެހޭ އެއްލައްކަ ސާޅީސް ހާހަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.

ވަގުތުގެ މައްޗަށް ސިވިލްކޯޓުން މިދިޔަ ބުދަދުވަހު ޕެންޝަން ފައިސާ ދެއްކުމަށް ހުކުމްކުރީ ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ގަވާއިދާ އެއްގޮތަށް މުއައްޒަފުންގެ ޕެންޝަން ފައިސާ ދައްކަމުން ނުދާތީވެ، ޕެންޝަން އޮފީހުން ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމުގައެވެ.

ސިވިލްކޯޓުން ވަގުތު މީޑިއާގެ ޢައިރު ހާޒިރުގައި ކުރި ހުކުމުގައި ބުނެފައިވަނީ، ރިޓަޔަމަންޓް ޕެންޝަން ފައިސާގެ ގޮތުގައި ދައްކަންޖެހޭ 145،461.92 ރުފިޔާ އާއި މި ފައިސާ ދެއްކުމާއި ހަމަޔަށް އަރާ ޖޫރިމަނާއަކީ ޕެންޝަން އޮފީހަށް ވަގުތު މީޑިއާއިން ދައްކަންޖެހޭ ފައިސާއެއްކަން ޝަރީއަތަށް ސާބިތުވާކަމަށް ކަނޑައަޅައި އަންނަ އަހަރުގެ މާރިޗުމަހުގެ ހަތަރުވަނަ ދުވަހުގެ ކުރިން ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކައި ހަލާސްކުރުމަށެވެ.

ވަގުތު މީޑިއާއިން ޕެންޝަން ފައިސާ ނުދައްކައިގެން ޕެންޝަން އޮފީހުން ވަނީ އެކުންފުނިގެ ނަން ވެބްސައިޓުގައި މިދިޔަ އަހަރުގެ ޖޫންމަހު އާއްމުވެސް ކޮށްފައެވެ.

ވަގުތު މީޑިއާގެ އިތުރުން ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ގަވާއިދަށް އަމަލުނުކޮށްގެން ޕެންޝަން ފައިސާ ނުދައްކާ ލިސްޓްގައި ދެން އޮތް މީޑިއާ އަކީ، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑެވެ. އެކުންފުންޏަކީ، ޗެނަލް 13 ހިންގަމުން އަންނަ ކުންފުންޏެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުން، އެތަންތަނުގައި މަސައްކަތްކުރާ މުއައްޒަފުންގެ ޕެންޝަން ފައިސާ ދައްކަމުން ނުދާއިރު، ނޫސްވެރިންގެ މުސްތަގުބަލާ ގުޅޭ މިފަދަ މުހިއްމު ކަންކަން ބަލާ ވިލަރެސްކުރުމުގައި މީޑިއާގެ ބަލަދުވެރިފަރާތް، މޯލްޑިވްސް މީޑިއާ ކައުސިލުން މިބާވަތުގެ އެއްވެސް ކަމެއް ބަލަމުން ނުގެންދާކަން ފާހަގަކޮށްލެވެއެވެ.

މީޑިއާ ކައުންސިލަކީ ނޫސްވެރިންގެ ބަލަދުވެރިޔާގެ ހައިސިއްޔަތުން ނޫސްވެރިންގެ ކުރިއެރުމަށާއި، މިދާއިރާ ތަރައްޤީކުރުމަށް އެންމެބޮޑަށް މަސައްކަތްކުރަންޖެހޭ މުއައްސަސާއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *