ބިމުގެ ދަތިކަމާއި އެކުވެސް ކަނޑުހުޅުދޫއިން 24 ގޯތި ދޫކުރަނީ


ގއ. ކަނޑުހުޅުދޫން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫ ކުރުމަށް ނިންމައި އެ ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ކައުންސިލުން ހުޅުވާލައިފިއެވެ.
އެކައުންސިލުން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނީ ދޫކުރުމަށް ހަމަޖެހިފައިވަނީ 1500 އަކަފޫޓާއި 2000 އަކަފޫޓާއި ދެމެދުގެ 24 ގޯތި ކަމަށެވެ.
ކަނޑުހުޅުދޫ ކައުންސިލުން މައުލޫމާތު ދޭގޮތުގައި 24 ގޯތި ދޭން ނިންމީ ރަށުގައި ބިމުގެ ޖާގަ ނެތުމުންނެވެ. ނަމަވެސް ގޯއްޗަށް ހުޅުވާލަން ނިންމީ ގިނަ ބަޔަކު ގޯއްޗައް އެދެމުންދާތީ ކަމަށްވެސް ކައުންސިލުން ބުނެއެވެ.
މިއަދު ކުރިމަތިލާން ހުޅުވާލި ގޯއްޗަށް ހުށަހެޅޭނީ އުމުރުން 18 އަހަރު ފުރިފައިވާ މީހުންގެ ތެރެއިން ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށްވުރެ ކުޑަނޫން ބިމެއް ނުވަތަ ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބިފައިނުވާ, އެ ރަށަށް ނިސްބަތްވާ މީހުންނަށެވެ.
ގޯއްޗަށް އެދި ހުށަހަޅާ ފޯމް ދޫކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހުން ފެށިގެން ނޮވެމްބަރު 7 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 12:00 އަށެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 7 ވާ އަންގާރަ ދުވަހުގެ މެންދުރު މަހު 12:00 އެވެ.
ކަނޑުހުޅުދޫގައި މިހާރު ދިރިއުޅޭ މީހުންގެ އަދަދު 1،024އާ ގާތްކުރެއެވެ. 2021 ވަނަ އަހަރުވެސް އެރަށުން 25 ގޯތި ދޫކުރުމަށް އިއުލާނުކޮށްފައި ވެއެވެ.
