ފްލެޓަށް އެދި 21،000 އަދި ގޯއްޗަށް 19،000 ފޯމް ހުށަހަޅައިފި


މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ދެވަނަ ބުރުގައި ހުޅުވާލުމުން ވަރަށް ގިނަ ބަޔަކު ފޯމް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫއުގެ ދަށުން “ބިންވެރިޔާ” ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯތި ދޫކުރުމާއި، “ގެދޮރުވެރިޔާ” ސްކީމުގެ ދެވަނަ ފިޔަވަހީގައި ފުލެޓު ދޫކުރުމަށް ހުޅުވާލާފައިވާ ފުރުސަތު ހަމަވީ މިއަދު މެންދުރު ތިނެއް ޖެހިއިރުއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ އެ މުއްދަތު ހަމަވި އިރު ފްލެޓަށް އެދި 21،000 އަދި ގޯއްޗަށް 19،000 ފޯމް ހުށަހެޅި ކަމަަށެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި، ދެވަނަ ބުރަށް 6،000 ފްލެޓާއި 4،500 ގޯއްޗަށް ވަނީ ހުޅުވާލާފައެވެ. މި ފަހަރު ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ގިރާވަރު އުތުރުފަޅުންނެވެ.
ކޮންމެ އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ، 1,250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަނުގައި އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެއެވެ. ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމުލަ 4,000 އަކަފޫޓެވެ.
މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5,525,000 އަކަފޫޓެވެ. ގޯތީގެ އަދަދު ކަނޑައެޅޭނީ ގޯތި ދިނުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުނީމަ ކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.
ފުރަތަމަ ފިޔަވައްސެކޭ އެއްގޮތައް މިފަހަރުވެސް މާލޭގެ ރައްޔިތުންގެ އިތުރުން މަލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށްވެސް ކުރިމަތިލެވޭނެއެވެ.
