ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްޤީކުރާ ސްޓޭޓް އޮފް ދި އާރޓް ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ (ޓިވެޓް) ސެންޓަރުތަކުން ހިންގާ ކޯސްތަކުގައި ސްކޫލް ދަރިވަރުންނަށް ބައިވެރިވެވޭނެ ގޮތް ހަމަޖެއްސުމަށް އެއްބަސްވެއްޖެއެވެ.

މި އެއްބަސްވުމުގެ ދަށުން، ޓިވެޓް ސެންޓަރުތަކުން ހިންގާ ކޯސްތަކުގައި ގްރޭޑް 9 އަދި 10 އެއްގެ ދަރިވަރުން ބައިވެރިކުރުމަށް ވަނީ ނިންމަވާފައެވެ. މި އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އައިޝަތު ޢަލީއެވެ. އަދި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އިބްރާޙިމް ޙަސަނެވެ.

“ބްރިޖިންގް އެކްސެލެންސް ސްކޫލް ސްޓޫޑެންޓްސް ޓިވެޓް ޕްރޮގްރާމް”ގެ ދަށުން ނެޝަނަލް ލެވެލް ސެޓްފިކެޓް 3 އަދި 4 ގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ގުރޭޑު 9 އަދި 10 އެއްގެ ދަރިވަރުންނަށް ލިބިގެންދާނެއެވެ. ސްކޫލް ދަރިވަރުންނަށް މި ފުރުޞަތު ފޯރުކޮށްދިނުމުގެ ބޭނުމަކީ ތަފާތު ހުނަރުތަކުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު ފޯރުކޮށްދިނުމާއި ކިޔެވުން ނިންމައި މުޖުތަމަޢަށް ނުކުންނައިރު ފައިދާކުރާނެ މަސައްކަތްތައް ކުރުމަށް މަގުފަހިވެ، އެ ދާއިރާއަކުން މަތީ ތައުލީމު ޙާޞިލުކުރުމަށް ފުރުޞަތު ހުޅުވާލަދިނުންކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޑރ. އިބްރާހިމް ޙަސަން ވިދާޅުވީ، މިއީ ރާއްޖޭގައި ކުރިއަށްދާ އެކިކަހަލަ ސިނާޢީ މަސައްކަތަށް ބޭނުންވާ ފަންނީ މީހުން ބިނާ ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި އަތޮޅުތަކުގައި ތިބިގެން ޒުވާނުންނަށް ފެންވަރު ރަނގަޅު މަސައްކަތުގެ ތަޢުލީމާއި ހުނަރު ލިބުމަކީ ރާއްޖޭގެ އިޤްތިޞާދަށާއި ޒުވާނުންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމެއް ކަމަށެވެ.

ޑރ. އައިޝަތު ޢަލީ ވިދާޅުވީ، މިހާރު ޤާއިމުކުރާ އިންސްޓިއުތްތަކުގެ ފައިދާ ސުކޫލުތަކާއި އެ ސަރަޙައްދުގެ ރަށްތަކުގެ ދަރިވަރުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި މި ޚިދުމަތް ލިބެން ފެށުމުން ޓިވެޓް ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށާއި ކިޔަވައިދިނުމުގެ ވަޞީލަތްތައް ޤާއިމުކުރަން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ މި އިންސްޓިއުޓްތަކުން ހިންގާ ހުރިހާ ކޯސްތަކަކީވެސް ސަރުކާރުން ހިލޭ ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކޯސްތަކެއްކަމަށާއި، ދިއްދޫއާއި އަލިފުށީގައި ތަރައްޤީކުރާ ސެންޓަރުތަކުން ވޮކޭޝަން ދާއިރާތަކުން ގިނަ ކޯސްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް 10 ކޯހެއް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.

ޓިވެޓް ސެންޓަރުން ކުރިއަށްގެންދާ ކޯސްތައް:

• ނެޝަނަލް ސެޓިފިކެޓް 3 އިން ފައިބަރގްލާސް ބޯޓް ބިލްޑިންގ

• ނެޝަނަލް ސެޓިފިކެޓް 3 އިން ޕްރޮގްރާމިން

• ނެޝަނަލް ސެޓިފިކެޓް 3 އިން ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިން

• ސެޓިފިކެޓް 3 އިން އިންފޮމޭޝަން ޓެކްނޮލޮޖީ

• ސެޓިފިކެޓް 3 އިން އޮފީސް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން

• ނެޝަނަލް ސެޓިފިކެޓް 4 އިން ކޮމްޕިއުޓަ ހާޑްވެއަރ އެންޑް ނެޓްވޯކިން

• އެޑްވާންސް ސެޓިފިކެޓް އިން އިންފޮމޭޝަން ޓެކްނޮލޮޖީ

• އެޑްވާންސް ސެޓްފިކެޓް އިން ޕްރޮގްރާމިން

• ޑިޕްލޮމާ އިން ޕްރޮގްރާމިން

• ޑިޕްލޮމާ އިން ނެޓްވޯކިން

މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ “ޓްރާންސިޝަން 360″- ޓިވެޓް ސުޓޫޑެންޓް އިންކުއުބޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ދަށުން ދަރިވަރުން ކިޔަވާ ކޯސްތަކުގެ މޮޑިއުލްތަކުގެ ތެރެއިން 30 ގަޑިއިރުގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމެއް ގެންދާނެއެވެ. އަދި ދަރިވަރުން ކިޔަވައި ނިމުމަށްފަހުގައިވެސް އިންސްޓިޓިއުޓްތަތަކުގެ ވޯކްޝޮޕްތަކުގެ ޚިދުމަތް 1 އަހަރު ދުވަހަށް ބޭނުންކޮށްގެން އިތުރަށް ކިޔަވާ އަހުލުވެރިވުމުގެ ފުރުޞަތުވެސް ލިބޭނެއެވެ.

ސަރުކާރުން ޓެކްނިކަލް އިންސްޓިއުޓްތައް ތަރައްޤީކުރަމުން އަންނަ ރ. އަލިފުށި ޓިވެޓް ސެންޓަރާއި ހއ. ދިއްދޫގައި އަޅާ އެ އަތޮޅު ޓިވެޓް ސެންޓަރުގެ ޢިމާރާތުގެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައެވެ. މިހާރު ކުރިއަށް ދަނީ ޢިމާރާތްތަކަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތްތާކާއި ވޯކްޝޮޕްތަކަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތެވެ.

ވޯލްޑް ބޭންކުގެ އެހީގައި ލެބޯޓަރީތަކަށް ބޭނުންވާ ސާމާނު ހޯދާފައިވާއިރު ރ. އަތޮޅު ޓެކްނިކަލް ސެންޓަރުގެ ލެބޯޓަރީއަށް ބޭނުންވާ ސާމާނު ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި ފޮނުވާ ނިންމާލެވޭނެކަމަށް ހަޔަރ އެޑިޔުކޭޝަނުން ވިދާޅުވެއެވެ.

މި ލެބޯޓަރީއަކީ ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ދަރިވަރުންނަށް ކިޔަވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ލެބޯޓަރީއެކެވެ. ކިޔަވައިދިނުމަށް ޢިމާރާތް ކުރާ އިންސްޓިޓިއުޓް ބްލޮކްގެ އިތުރުން ދަރިވަރުންނަށް އެކަމަޑޭޝަން ޚިދުމަތްތައް ހަމަޖެއްސުމަށްޓަކައި ދަނާލެއްވެސް މި އިންސްޓިޓުއުޓްތަކުގައި ހުންނާނެއެވެ. އަދި ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮކަމަށް ކުޅިވަރާއި ކަސްރަތު ކުރެވޭނެ ޒަމާނީ ޖިމަކާއި، ރެކްރިއޭޝަން ހޯލެއްވެސް ހިމެނޭނެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *